iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://mihaaru.com/entertainment/876
Mi aharu kuri ah huree kon filmthakeh? | Mihaaru
މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

މި އަހަރު ކުރިއަށް ހުރީ ކޮން ފިލްމުތަކެއް؟

އަތޮޅުތެރޭގެ ރަށެއްގައި ފިލްމެއް ޝޫޓް ކުރަނީ: މި އަހަރަކީ ފިލްމީ ދާއިރާ އަށް އުޖާލާ އަހަރެއް.

މި އަހަރުގެ މިހާތަނަށް އައި އިރު ދިވެހި ސިނަމާ އަށް ހަތަރު ފިލްމް އަތުވެއްޖެ އެވެ. މިއީ އުފާކުރަން ޖެހޭ ކަމެކެވެ. ފާއިތުވި ދެ އަހަރަށް ބަލާ އިރު ރިލީޒްކޮށްފައި ވަނީ އެންމެ ނުވަ ފިލްމެވެ. އެއީ 2014 ގައި ރިލީޒް ކުރި ފަސް ފިލްމަކާއި މިދިޔަ އަހަރު ރިލީޒް ކުރި ހަތަރު ފިލްމެކެވެ.

އަހަރު ދެބައިވި އިރު، މިހާތަނަށް ސިނަމާ އިން ހަތަރު ފިލްމު ބަލާލަން ލިބުމަކީ ދިވެހި ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމާ އެކު މި މަހުގެ ތެރޭގައި ފިލްމެއް ސްކްރީނަށް އައުން ދުރެވެ. އެކަމަކު މި އަހަރަކީ ފުލުފުލުގައި ފިލްމްތައް އަޅުވަން ޕްރޮޑިއުސަރުން ކިއޫގައި ތިބި އަހަރެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެހެންވެ 2016 ނިމިގެންދާއިރު، ފާއިތުވި ދެ އަހަރު ރިލީޒް ކުރި ފިލްމްތަކާ އެއްވަރަށް ނުވަތަ އެއަށް ވުރެ އިތުރަށް މި އަހަރު ފިލްމްތައް ފެނުން ވަރަށް ގާތެވެ. ފިލްމުތަކަށް ލޯބިކުރާ މީހުން ތިބީ އެ އުންމީދުގަ އެވެ.

އެހެންވެ މި އަހަރުގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލައިލަމާ ހިނގާށެވެ. ބައެއް ފިލްމްތަކަކީ މި އަހަރު ސިނަމާ އަށް އަންނާނެކަން ކަށަވަރުވެފައިވާ ފިލްމްތަކެވެ. އަނެއް ބައި ފިލްމުތައް މި އަހަރު އެޅުވުމުގައި ދެ ހިޔާލެއްގައި ތިބި ޕްރޮޑިއުސަރުން ވެސް އެބަ ތިއްބެވެ.

އެކަމަކު އަހަރުގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލައިލާނީ ކުރިން ރިލީޒްވި ހަތަރު ފިލްމަށް ކުރު ގޮތަކަށް ކަޅިއެއް އުކައިލުމަށް ފަހު އެވެ.

މި އަހަރު ނިމިގެންދާ އިރު، ފާއިތުވި ދެ އަހަރު ރިލީޒް ކުރި ފިލްމްތަކަށް ވުރެ ގިނަ ފިލްމް މި އަހަރު ފެނުން ވަރަށް ގާތް.

މި އަހަރުގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީ ހަތަރެއްގައި ރިލީޒް ކުރިި "އެ ރެއަށް ފަހު" އެވެ. އަހުމަދު ނިމާލް ޑައިރެކްޓް ކުރި ލޯބީގެ ބިރުވެރި މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ މަޝްހޫރު އެކްޓަރު އަލީ ސީޒަން އާއި މާ މަޝްހޫރު ނޫން ބަތައެއްލާ ކަމަށްވާ ސުޖީތާ އަބްދުﷲ (ސުޖީ) އެވެ.

މި ފިލްމަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމަކަށް ނުވި އެވެ. އެހެންވެ ބަލާނެ ބަޔަކު ނުވެގެން ފްލޮޕް ބޯޑާ އެކު ފިލްމް ޖެހުނީ އޮލިމްޕަހުން ނަގާށެވެ.

މި އަހަރުގެ ދެވަނަ ފިލްމަކީ ކިޑް ޕްރޮޑަކްޝަނުން އުފައްދައި ހުސައިން މުނައްވަރު (ކުޑަފޫޅު) ޑައިރެކްޓް ކުރި "ނޭނގި ޔާރު ވަކިވީ" އެވެ. ލޯބީގެ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައި ދިން މި ފިލްމަކީ އެވްރެޖް ވިޔަފާރިއެއް ކުރި ފިލްމެކެވެ. ބެލުންތެރިންނަށް އެހާ ރަނގަޅެއް އަދި ގޯހެއް ވެސް ނޫނެވެ.

ނަހުލާގެ "4426" ގެ މަންޒަރެއްގައި ޖިމީ: ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމް

މި ފިލްމުފެ ލީޑް ރޯލުން ފެނިގެން ދިޔައީ އައިމިނަތު ރިޝްފާ އާއި އަހުމަދު އަޒްމީލް (އަޒޭ) ގެ އިތުރުން އަލަށް ތައާރަފުވި އިސްމާއީލް ޖުމައިހް (ޖުމާ) އާއި މަލީހާ ވަހީދު (މަލް) އެވެ.

ދެން އޮތީ މި އަހަރުގެ މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމުގެ ވާހަކަ އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސް ދިން ރޮމޭންޓިކް ކޮމެޑީއަކީ "ވާށޭ މަށާއެކީ" އަކީ ބެލުންތެރިންގެ ތައުރީފާ އެކު، ބޮޑު ވިޔަފާރިއެއް ކުރި ފިލްމެކެވެ. އެޕްރީލް 5 ގައި ރިލީޒް ކުރި މި ފިލްމު މާލޭގައި ހައުސްފުލް 19 ޝޯ ދައްކާފައިވާ އިރު އަދިވެސް އެކި ދިމަދިމާލުގައި އަންނަނީ ފިލްމް ދައްކަމުންނެވެ.

މި އަހަރުގެ މިހާތަނަށް ހަތަރު ފިލްމް ރިލީޒް ކުރި އިރު، އެންމެ ކާމިޔާބު ފިލްމަކީ "ވާށޭ މަށާއެކީ"

އަލީ ސީޒަން ޑައިރެކްޓް ކުރި "ވަފާތެރި ކެހިވެރިޔާ" ސިނަމާ އަށް އައީ މޭ މަހުގެ 10 ވަނަ ދުވަހު އެވެ. ކުރިން ހީކުރި ވަރުގެ ތަރުހީބެއް މި ފިލްމަށް ލިބޭ ގޮތެއް ނުވި އެވެ.

މޮޅު އަދި ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމެއް ގެނެސް ދޭނެ ކަމުގެ ޔަގީންކަން ޑައިރެކްޓަރު/އެކްޓަރު އަލީ ސީޒަން ދިން ނަމަވެސް "ވަފާތެރި ކެހިވެރިޔާ" އަކީ ބެލުންތެރިން އުންމީދު ކުރި ވަރުގެ ފިލްމަކަށް ނުވި އެވެ. ފިލްމުގައި ލީޑް ރޯލް ކުޅުނީ ސީޒަނާއި ޒީނަތު އައްބާހުގެ އިތުރުން މަލް އެވެ.

ކުރިއަށް ހުރީ ކޮން ފިލްމްތަކެއް؟

ރިލީޒް ކުރާނެކަން ކަށަވަރުވެފައިވާ ފިލްމުތަކާއި މި އަހަރު އަޅުވާނެ ކަމަށް ބެލެވޭ ފިލްމުތަކެއް މި ލިސްޓްގައި އެބަ ހިމެނެ އެވެ. ކުރު ގޮތަކަށް ބަލައިލަމާ ހިނގާށެވެ.

* ވިޝްކާ: މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، ރަވީ ފާރޫގް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ މުހިއްމު ރޯލަކުން ރަވީ ވެސް ފެނިގެން ދާނެ އެވެ. ފިލްމުގައި ދެން ހިމެނޭ މައިގަނޑު ކާސްޓުންނަކީ ރިޝްމީ ރަމީޒާއި އަހުމަދު ސައީދެވެ. މި ފިލްމަކީ މި އަހަރު ސްކްރީނަށް އަންނާނެ އެންމެ ތަފާތު އަދި ވަރުގަދަ ފިލްމަށް ވާނެ ކަމަށް ބެެލެވެ އެވެ.

އޮގަސްޓްގައި "ވިޝްކާ" ސިނަމާ އަށް އަންނާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

* 4426: މިއީ މި އަހަރުގެ އެންމެ ހާއްސަ އެއް ފިލްމެވެ. މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ 4426 (ފޯ ފޯ ޓޫ ސިކްސް) އަކީ ބިރުވެރި ފިލްމެކެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމަކީ ނަހުލާ ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމް ވެސް މެ އެވެ. މީގެ ޑައިރެކްޝަން ހަދަނީ ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެންނެވެ. ސިނަމާ އަށް ފިލްމް އަންނާނީ އޮކްޓޯބަރު 18 ގަ އެވެ.

* ހާދަރު: މިއީ ގައުމީ ދިފާއީ ބާރުން ހަދާ ގައުމީ ފިލްމެކެވެ. ކުރިން މި ފިލްމް ރިލީޒް ކުރާނެ ކަމަށް އިއުލާން ކުރީ މެއި މަހު އެވެ. އެކަމަކު ޝޫޓިންތަކެއް ނުނިމި ހުރެގެން ވަކި ތާރީހެއް ނެތް ގޮތަށް ފިލްމް ރިލީޒް ކުރުން މިހާރު ވަނީ ފަސްކޮށްފަ އެވެ.

"ހާދަރު" ގެ ޓްރެއިލާ

ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ހަދާ "ހާދަރު" ގެ ޑައިރެކްޓަރަކީ އަޝްހަރު ވަހީެވެ.

މި ފިލްމް މި އަހަރު ސިނަމާ އަންނާނެ ކަމުގެ ޔަގީންކަން އެމްއެންޑީފުން ވަނީ ދީފަ އެވެ.

* 1962 ތެނަދޫ: މިއީ ގދ. ތިނަދޫ އަަލުން އަލުން އާބާދުވިތާ މި އަހަރަށް 50 އަހަރު ފުރޭތީ އެކަމާ ދިމާކޮށް ނެރޭ ފިލްމެކެވެ. ފިލްމަކީ ތިނަދޫން މީހުން ބޭލުމާއި އެ ރަށް އަލުން އާބާދު ހާދިސާ އަށް ބިނާކޮށް ހަދާ ތާރީހީ ފިލްމެކެވެ.

މިއީ ރާއްޖޭގެ ސިނަމާ އަށް އަންނަ ހިސްޓޮރިކަލް ޖޯންރާގެ ފުރަތަމަ ފިލްމެވެ. މުޅިން އާ ކާސްޓަކާ އެކު ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސް ދެނީ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހެވެ.

* މާޔޫސް: މިއީ ސްކްރީން ރައިޓަރު މަހުދީ އަހުމަދު ޕްރޮޑިއުސްކޮށް، އަޖްނާޒް އަލީ ހެދި ފުރަތަމަ ފީޗާ ފިލްމެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ކުޅަދާނެ ދެ ތަރިން ކަމަށްވާ ނިއުމާ މުހައްމަދާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) "މާޔޫސް" ގައި ހިމެނުނަކީ ފިލްމަށް އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ އެއް ސަބަބެވެ.

"މާޔޫސް" ގެ ޓީޒާ

ތަޖުރިބާކާރު އެ ދެ އެކްޓަރުންނާ އެކު މި ފިލްމުގެ މުހިއްމު ރޯލަކުން ވިދަމުން އަންނަ ޒުވާން ތަރި މުހައްމަދު ޖުމައްޔިލް (ޖުމަލް) ވެސް ފެނިގެން ދާނެ އެވެ. އަހަރުގެ ފަހުކޮޅު "މާޔޫސް" ސިނަމާ އަށް އައުން އެކަށިގެންވާ ކަމަށް ޕްރޮޑިއުސަރު ބުނެފައިވެ އެވެ.

* ދޭތީ އަނިޔާ: މިއީ އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ޑައިރެކްޝަނެކެވެ. ލޯބީގެ އަނިޔާވެރި ހާދިސާތަކެއް ފެނިގެންދާ މި ފިލްމުގެ ތަރިންގެ ތެރޭގައި ރިޝްފާ، ހާމިދު އަލީ، އަހުމަދު އީސަ (އާނަންދު) އަދި މަރިޔަމް ޝަކީލާ އާއި ފައުޒިއްޔާ ހަސަން ހިމެނެ އެވެ.

އަމްޖޭ ބުނި ގޮތުގައި "ދޭތީ އަނިޔާ" އަކީ މި އަހަރު ބެލުންތެރިންނަށް ފެނިގެން ހިނގައި ދާނެ ފިލްމެކެވެ. ރޯދައިގެ ފަހުން ފިލްމުގެ ރިލީޒް ކުރުމުގެ ތައްޔާރީތަކާ އުޅޭނެ ކަމަށް އޭނާ ބުންޏެވެ.

* އިންތިހާ: މިއީ 2011 ގައި ލަންކާގައި ޝޫޓް ކުރި ސަސްޕެންސް ތުރިލާއެކެވެ. ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު ފަރީލާ (ފަރީ) ގެ އިތުރުން މުހައްމަދު ފައިސަލާއި މަރިޔަމް އަފީފާ (އަފީ) އެވެ.

"އިންތިހާ" ޓްރެއިލާ

ފައިސަލް ބުނި ގޮތުގައި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް "އިންތިހާ" ރޯދައިގެ ފަހުން ނިންމައި، މި އަހަރު އަޅުވާނެ އެވެ.

މަސައްކަތުގެ ބޮޑު ބައި ނިމި، އެކަމަކު އެކިއެކި ސަބަބުތައް މެދުވެރިވެގެން ތާށިވެފައި ހުރި ފިލްމުތަކެއް ވެސް އެބަ ހުއްޓެވެ. އެ މީހުން ތިބީ މި އަހަރު ފިލްމް ރިލީޒް ކުރާނެތޯ ނުވަތަ ނޫންތޯ ނިންމަން ނޭނގިފަ އެވެ.

އޭގެ ތެރޭގައި އަމްޖޭގެ 50 ވަނަ ޑައިރެކްޝަަން "ގިލަން" އާއި މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" ގެ އިތުރުން މުހައްމަދު ފުއާދު (ފޯޑް) ގެ "ހަތަރު ހަޅަ" ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ގެ ފުރަތަމަ ޑައިރެކްޝަން "ވީ ބޭވަފާ" އަކީ ވެސް މި ކެޓަގަރީއެއް ފެތޭ ފިލްމެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ ނިއުމާ އާއި ޔޫއްޕެ، ފަރީގެ އިތުރުން އަބްދުﷲ މުއާޒެވެ.

ދިވެހި ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް މުހައްމަދު ނިޔާޒް (ޓެޑްރީ) ވެސް ވަނީ މި އަހަރު އުފާވެރި ހަބަރެއް ދީފަ އެވެ. މީގެ 18 އަހަރު ކުރިން އޭނާގެ އެޓާނަލް ޕިކްޗާސް އިން ރިލީޒް ކުރި ބްލޮކްބަސްޓާ "އަމާނާތް" މިއަހަރު އަލުން ސްކްރީނަށް ގެންނާނެ ކަމުގެ ޔަގީންކަން ޓެޑްރީ ވަނީ ދީފަ އެވެ.

ސްކްރީން ރައިޓަރު މަހުދީ ޑައިރެކްޓް ކުރި މި ފިލްމުގެ ތަރިންނަކީ އަލީ ހާލިދު، ފާތިމަތު ރަމީޒާ އަދި ޖަމްޝީދާ އަހުމަދެވެ. މިއީ ގައުމީ ފިލްމް ފެސްޓިވަލްގައި 12 އެވޯޑް ހޯދި ފިލްމެކެވެ.

އެހެންވެ އަހަރުގެ ކޮންމެ ވެސް ހިސާބަކުން "އަމާނާތް" ބަލާލަން ލިބުމަކީ ބެލުންތެރިންނަށް ހިނިތުންވުން ގެނެސް ދޭނެ ކަމެކެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454